އަޞްލު އަޅުގަނޑު ފެންނާނީ އިއްޔެގެ ފަރުދާ ހިއްލާލީމައެވެ. އެއޮތީ ފެންނާށެވެ. ފަނޑުކަމެއް ނާދެއެވެ. ފޮހެލާފައިވާ ލޯގަނޑެއްހާ ސާފެވެ. އައްޔެވެ. މެދުކެނޑުމެއް ނެތި އަޅުގަނޑަށް، އަޅުގަނޑުގެ ސައިޒް ތަސައްވުރު ކޮށްދޭ އިއްޔެއެވެ. ވަކިވަކިން އޮތް އެކި ސައިޒުގެ ފެހި ރައްތަކާއި، އެ ހުދު ދޮންވެލި ތުނޑިތަކާއި، މަސްހިފަން، މަސްބާނަން، ރާޅާއަޅަން، ހިމޭނުން ނުހުރެވިގެން ރަތްދަކަ އަވީގައި، މަންމައާއި ބައްޕައަށް ފިލައިގެން މިނިވަންކަމާއި، އުފާވެރިކަމާއެކު ފީކޯތް ކުޅުނު، އެ ރީތިރީތި މިނިވަން ވެއްޓެވެ. އަމުދުން އުޑުމަތީ ފުސްބޯވެ، ވައިރޯޅި ހިލެން ފަށައިފިނަމަ، އެހެރަވާ އުފަލެކެވެ. ތެމިލާ ހިތުންނެވެ. ދުވެ، ކުޅެ ސަކަރާތްޖަހާލާ ހިތުންނެވެ. ގޭ މީހުން ރުހުނަސް ނުރުހުނަސް، އެހެދޭ ފެންބަޅިތަކުގައި، ކަރުދާހު ދޯންޏާއި ފަންވަތު ދޯނީގެ ރޭސް ޖަހާލާ ތެމިލާ ހިތުންނެވެ. އެއްއުމުރުގެ ގާތް އެކުވެރިންނާއެކު ސަކަރާތްޖަހާލާ ހިތުންނެވެ.

އެ ފޮޓޯތަކުން މި ފޮޓޯތަކާ ހަމައަށް ވެސް އަޅުގަނޑަކީ އަޅުގަނޑެވެ. ބަދަލުވީ ދުނިޔެއާއި ޙާލަތެވެ. ނަމަކީވެސް ޝަޚްޞަކީވެސް ހަމަ އެ ކެލާގަނޑުގޭ ޢަބުދުގެ ޢަބްދުއްރަޙީމެވެ. އަދުރޭއެވެ. އޭރުވެސް މިހާރުވެސް އާއިލީ އެކުވެރިކަމާ، ގާތްކަމާ، އުފާވެރިކަން ގެއްލޭނެ ފުރުޞަތެއް ނުދެމެވެ. އާއިލާދެކެ އިންތިހާއަށް ލޯބިވެއެވެ. އާއިލާވެސް އަޅުގަނޑުދެކެ ވާލޯބީގައި ސުމާރެއްނެތެވެ.

އިންސާނުން މީ ހާދަހާވާ ނަޞީބުވެރި ބައެކޭ އަބަދުވެސް ހިތަށް އަރައެވެ. ހަމަ އެއާއިއެކު، ކޮންމެ އާދަމުގެ ދަރިއަކަށް މި އޮތް ފުރުޞަތާ ވާޖިބުތައްވެސް ހަނދާނެއް ނުނެތެއެވެ. ކޮޅުނެތްކޮޅުގެ އުފަލެވެ. ތަނަވަސް މަގުތަކާއި ބާރު ދުވެއްޔެވެ. ނަސީބެވެ. ހަމަ އެ ފައިސާފޮތީގެ އަނެއްފުށުގައި، ކަންބޮޑުވުމާއި ހިތާމައެވެ. ހާސްކަމާ ލޮޑުކަމެވެ. ބަދުނަސީބެވެ.

އަޅުގަނޑު އަޅުގަނޑަކަށް ވަނީ، މިފަދަ ހުރިހާ ރަހަޔަކުން ދިރިއުޅުމުގެ މައްސުނިގަނޑު މޮޑެވި، އެ ނުކުތު ރަހައެވެ. މީރަސް ނުބަޔަސް މީ އެ ރަހައެވެ.

އަނެކުންގެ އާޑަ ފުރައްސާރައަކީ ވެސް ހާދަހާވާ އަގުހުރި މަދަރުސާއެކެވެ. އެއީ ދުޥްމިނުންނެއްނޫނެވެ. އެއިން ކޮންމެ ފަރާތަކީ މުދައްރިސެކެވެ. އަޅުގަނޑަކީ އެ މަކުތަބުން އަބަދުވެސް ދަރިވަރުވާން ފެންބޮވައިގެންފައިވާ ދަރިވަރެކެވެ.

ދުނިޔެ ރީތިވަނީ މިހުރިހާ ކުލަތަކެއް ލެއްވިޔަތީއެވެ. ﷲއަށް ޙަމްދެވެ. ޝުކުރެވެ. މިފަދ މާހައުލަކަށް އަޅުގަނޑުވެސް ވުޖޫދު ކުރެއްވީތީއެވެ. މިތަނުން އަޅުގަނޑު ދަސްކުރީ ކެތްތެރިވާށެވެ. ނުރޯށެވެ. ހިތްވަރު ކުރާށެވެ. ވެއްޓުނީމާ ތެދުވާށެވެ. ބައެއް މަގުން ދާއިރު ހަލަބޮލިކަމުގައި މަޑުޖެހިލާ، ވާނުވާ ބަލައިލާށެވެ.

އެއްވެސް މީހަކު އަނުކާއާމެދު ގޯސްކޮށް ދެކޭނެ ފުރުޞަތެއް ނެތެވެ. އެހެނެއްކަމަކު ޠަބީޢަތާ މިޒާޖަކީ އޭގެ ލަގަން ދޫވެއްޖެނަމަ ތިމާގެ ހަލާކެވެ.

އާދަފުރައްސާރަކޮށް މަލާމާތްވެސް އެކުރަނީ ސަބަބެއް ނެތިއެއްނޫނެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑާމެދު އެބޭފުޅުން އެ ދެކިވަޑައިގަންނަވަނީ އަޅުގަނޑުގެ ކިބައިގައި، އެ ބޭފުޅުންގެ އަތުގައި ނެތް، ކޮންމެވެސް ކަންތައްތަކެއް އެބަހުއްޓެވެ. އެހެންކަމާއެކު އެ ފުރައްސާރައާއި ޖަދަލުކުރުމާއި އާދަކިއުމަކީ، ދިރިއުޅެން ލިބިފައި މިވާ ތަނުގެ ސުންނަތެވެ. ބަލަންވީ، އެފަދަކަންކަމާ ދުރުހެލި ވެ، ދާންބޭނުންވާ މަންޒިލަށް ދަތުރު ނިންމާލެވޭތޯއެވެ.